ފަޅުތެރޭގެ ޢާންމު ޤަވާޢިދު
ހާބަރ ޔޫސޭޖް ޕްލޭން (ޑައުންލޯޑް ޕީޑީއެފް ފޯމެޓް)
1. މާލޭ ފަޅުތެރޭގައި އަލިފާން ގެންގުޅުން:
މާލޭފަޅުތެރެއަކީ ކާރުބާރު ބޮޑުތަނަކަށްވުމާއެކު ދިމާވެދާނެ ނުރައްކާތެރި ޙާދިޘާއަކަށްޓަކައި މާލޭ ފަޅުތެރޭގައި ފިއުލް މަސައްކަތްކުރާ ސަރަޙައްދު ތަކުގައި އަލިފާން ގެންގުޅުމަކީ މަނާކަމެކެވެ. މިފަދަ ސަރަޙައްދު ތަކުގައި މިކަމާ ގުޅޭ ނިޝާން ޖެހިބޯޑެއް ބެހެއްޓިފައި ހުންނާނެއެވެ. މިނޫން ސަރަޙައްދު ތަކުގައިވެސް ޢާންމުކޮށް ހުޅު ހިފާގޮތަށް އަލިފާން ގެންގުޅުމަކީ ހުއްދަ ކަމެއްނޫނެވެ.
2. މާލޭފަޅުތެރޭގައި ހިކި ކަނޑުމަހާއި ލޮނުމަސް ގެންގުޅުން:
މާލޭ ފަޅުތެރޭގައި ހިކި ކަނޑުމަހާއި ލޮނުމަސް ފައްލަވަ ކުރުމަކީ ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށާއި އަދި ޢާންމުންުނަށް އޭގެ ސަބަބުން ތަފާތު އުދަގޫތައް ވަމުންދާ ކަމަކަށްވާތީ ހިކި ކަނޑުމަހާއި ލޮނުމަސް މާލޭ ފަޅުތެރޭގައި ގެންގުޅުމާއި ފައްލަވަ ކުރުމަކީ ހުއްދަ ކަމެއްނޫނެވެ.
3. މާލޭފަޅުތެރޭގައި އެންކޮށި ގެންގުޅުން :
މާލޭ ފަޅުތެރޭގައި އެންކޮށްޓާއި ދިރޭމަސްކޮށީގައި ބަހައްޓައިގެން ގެންގުޅުމަކީ އޭގެ ސަބަބުން ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް އުނދަގޫފޯރާ ކަމަކަށްވާތީ އެންކޮށްޓާއި ދިރޭމަސް ކޮށީގައި ގެންގުޅުމަކީ ހުއްދަ ކަމެއްނޫނެވެ.
4. ފަޅުތެރެއަށް ނަގިލިލުން:
މާލޭފަޅުތެރޭގައި އަޅާ އުޅަނދުފަަހަރާއި ފަޅަށް ވަދެނުކުމެވާ އުޅަނދުފަަހަރު ފަޅުގެ އެކި ސަރަޙައްދުތަަކަށް ކައިރިކުރުމުގައި ނަގިލިލުމުގެ ސަބަބުން، ނަގިއްޔާއި އެކު ފަޅުތެރެއަށް ވައު ދޫކޮށްލާފައި އޮތުމުން ފަޅު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ފޯރަމުން ދިއުމާއި ގުޅިގެން ފަޅުތެރޭގެ މަސްލަޙަތު ގެއްލޭގޮތް މެދުވެރިވާތީ މާލޭ ފަޅުތެރެއިން ހުއްދަ ދީފައިވާ ސަރަޙައްްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް ނަގިލިލުމަކީ ހުއްދަކަމެއްނޫނެވެ.
5. ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ އަދި ރަޖިސްޓްރީ ނަންބަރ ޖަހާފައިނެތް އުޅަނދުފަަހަރު ފަޅު ބޭނުންކުރުން:
ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ އަދި ރަޖިސްޓްރީ ނަންބަރ ޖަހާފައި ނެތް އުޅަނދުފަހަރު މާލޭ ފަޅަށް ވައްދަންވާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ.
6. މާލޭ ފަޅުތެރޭގަޔާއި ކަނޑުތޮށްޓާއި އެއްގަމުތޮށިމަތީގައި މަސްކެޑުން:
މާލޭ ފަޅުތެރެއާއި ވަށައިގެންވާ އެއްގަމުތޮށްޓާއި ކަނޑުތޮށިމަތީގައި މަސްކެޑުމަކީ އެހިސާބުން ހިނިގާ މީހުންނާއި އެސަޙައްދު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫފޯރާ ކަމަކަށްވާތީ މާލޭފަޅުތެރެއާއި ކަނޑުތޮށްޓާއި އެއްގަމުތޮށިމަތީގައި މަސްކެޑުމަކީ ހުއްދަ ކަމެއްނޫނެވެ.
7. ފަޅުތެރެއަށް ކުނިއެޅުމާއި ޤަަޟާޙާާޖާ ކުރުން:
މާލޭ ފަޅުތެރެއަށް ކުނިއެޅުމާއި ޑަސްޓްބިން ދޮވުމާއި، މަސްކެޑުމަށްފަހު އުކާލާ ކަރުގޮހޮރުގެ ބައިތައް މާލޭ ފަޅުތެރޭގެ އެއްވެސް ސަރަޙައްދަަކަށް އެޅުމަކީ ހުއްދަކަމެއްނޫނެވެ. އަދި މާލޭ ފަޅުތެރޭގެ އެއްވެސް ސަރަޙައްދަކަށް ޤަޟާޙާޖާކުރުމަކީވެސް ހުއްދަކަމެއް ނޫނެވެ.
8. ފަޅުތެރެއަށް ފެތިފައި ހުންނަ އުޅަނދު ފަހަރު:
8.1 އެއްވެސް އުޅަނދެއް މާލޭގެ ފަޅުތެރެއަށް ފެތިއްޖެނަމަ،އެއުޅަނދެއްގެ ވެރިފަރާތުން ލަސްނުކޮށް އެއުޅަނދެއް ނަގަންވާނެއެވެ.
8.2 އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިފައިއޮވެ 24 ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ،އެއުޅަނދެއްގެ ވެރިފަރާތަށް އެއުޅަނދެއް ނެގުމަށް އެންގޭނެއެވެ. އަދި ވެރިފަރާތް ނޭނގޭނަމަ، ވެރިފަރާތް ހޯދުމަށްޓަކައި އިޢުލާނު ކުރެވޭނެއެވެ.
8.3 މިގޮތުން އިޢުލާނު ކުރާތާ 10 ދުވަސް ހަމަވާއިރު އެއުޅަނދެއް ނުނަގާ އޮވެއްޖެނަމަ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ގެފަރާތުން އެއުޅަނދެއް މާލޭ ފަޅުތެރެއިން ނަގައިގެން އެފަދަ އުޅަނދުފަހަރު އެވަގުތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންދެވޭނެއެވެ. މިގޮތުން ނަގާނެގުމުގަޔާއި ގެންދާ ގެންދިއުމުގައި އުޅަނދަށް އެއްވެސް ގެއްލުމެއް ލިބުނަ ނުދިނުމަށް އެކަށީގެންވާ މިންވަރެއްގައި ކުރެވެން ހުރި ހުރިހާކަމެއް ކުރެވޭނެއެވެ. ނަމަވެސް ނަގާނެގުމުގަޔާއި، ގެންދާ ގެންދިއުމުމުގައި އަދި ބާއްވަން ހަމަޖެހިފައިވާ ތަނެއްގައި އޮންނައޮތުމުގައި އުޅަނދަށް ލިބިދާނެ އެއްވެސް ގެއެްލުމަކަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަކުން ޒިންމާއެއް ނުއުފުލާނެއެވެ.
8.4 މިގޮތުގެމަތިން ނަގާ އުޅަނދުފަހަރު އުޅަނދުނަގާތާ 10 ދުވަހުގެ ތެރޭގައި، އުޅަނދުގެ ވެރިފަރާތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަށް ޙާޞިރުވެ،އުޅަނދަކާއި ބެހޭ ރަސްމީލިއުންތައް ހުށައަޅައިފިނަމަ، ތިރީގައި މިވާ ފީތައް ދެއްކުމުން އުޅަނދުގެ ވެރިފަރާތަށް ދޫކުރެވޭނެއެވެ.
ހ. އުޅަނދު ފަޅުތެރެއަށް ފެތިފައި އޮތުމުގެ ސަބަބުން ކުރަންޖެހުނު އިޢުލާނުގެ ޚަރަދު
ށ. އުޅަނދު ފަޅުތެރެއިން ނެގުމާއި ގެންދިއުމަށް ކުރަންޖެހުނު ޚަރަދު
ނ. އުޅަނދު ފަޅުތެރޭގައި އަޅާފައި އޮތީ ޤަވައިދާއި ޚިލާފަށް ފަޅުހުއްދަނުނަގާކަމުގައިވަނީނަމަ،ޤަވައިދާއި ޚިލާފުވިކަމުގެ ޖޫރިމަނާ
ރ. އުޅަނދު ފަޅުތެރޭގައި އަޅާފައި އޮތީ ފަޅުހުއްދަ ނުނަގާ ކަމުގައިވަނީނަމަ އުޅަނދު ފަޅުގައި އޮތް ދުވަސްތަކުގެ ފަޅުހުއްދައަށް ޖެހޭ ފައިސާ.
8.5 މީގެ އިތުރުން އުޅަނދު ފަޅުތެރެއިން ނަގާދުވަހުން ފެށިގެން 10 ދުވަސްވުމަށްފަހު އުޅަނދު ނުގެންގޮސްވާ ކޮންމެ ދުވަހަކަށް އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ދުވާލަކަށް 10 ރުފިޔާއިން ޖޫރިމަނާވާނެއެވެ. އަދި 10 ދުވަސް ވުމަށްފަހު އުޅަނދު ދޫކުރެވޭނީ 8.4 ގައި ބަޔާންކުރާ ފީތަކާއި ޖޫރިމަނާގެ އިތުރުން މިފައިސާވެސް ދެއްކުމުންނެވެ.
8.6 އުޅަނދުގެ ވެރި ފަރާތުން އުޅަނދާއި ޙަވާލުނުވެ 60 ދުވަސް ހަމަވެއްޖެނަމަ، އެއުޅަނދެއްނައްތާލެވޭނެއެވެ. އަދި އެއުޅަނދުގެ ވެރިފަރާތެއް އެނގޭނަމަ،މިޤަވާއިދުގެ 8.4 އާއި 8.5 ގައި ބަޔާންކުރާ ފައިސާ ހޯދުމަށް އެމައްސަލަ ޝަރީޢަތަށް ފޮނުވޭނެއެވެ.
9. މާލޭ ފަޅުތެރެއަށް ޢާންމުކޮށް މޫދަށް އެރި އުޅުމާއި، ފީނާ ދަގަނޑު ޖަހައިގެން މަސްހިފުން:
މާލެ ފަޅުތެރެއަކީ ޢާންމުކޮށް ހުރިހާ ގަޑިތަކެއްގައިވެސް އުޅަނދުފަހަރު ވަދެ ނިކުމެވާ ފަޅަކަށްވާތީ މާލެ،ވިލިނގިލި ފަޅުން މޫދަށް އެރުމަށް ޚާއްޞަަކުރެވިފައިވާ ތަންތަން ނޫން ސަރަޙައްދުތަކަށް މޫދަށް އެރި އުޅުމާއި، ދަގަނޑު ޖަހައިގެން މަސްހިފުމަކީ ހިނިގާފާނެ ނުރައްކާތެރި ޙާދިޘާ އަކަށްޓަކައި ހުއްދަ ކަމެއްނޫނެވެ.
10. މާލޭ ފަޅުތެރެއަށް ދޮށި އެއްލުމާއި ނަނު އުކުން:
މާލޭގެ ފަޅާއި ގުޅިފައިވާ އެއްގަމު ސަރަޙައްދަކީ ޢާންމުކޮށް މީހުން ހިނގާ ބިނގާވެ އުޅޭ ބައިބޯ ސަރަޙައްދަކަށް ވުމާއެކު މިސަރަޙައްދުގެ ފަޅުތެރެއަށްދޮށި އެއްލުމާއި ނަނު އުކުމުގެ ސަބަބުން ހިނގާފާާނެ ނުރައްކާތެރި ޙާދިޘާއަކަށްޓަކައި މިފަދަ ޢަމަލް ކުރުމަކީ ހުއްދަކަމެއް ނޫނެވެ.
11. މާލޭ ފަޅުތެރޭގައި އުޅަނދު ފަހަރު ދުއްވަންޖެހޭ ސްޕީޑު:
މާލޭގެ ފަޅުތެރޭގައި އުޅަނދުފަހަރުދުއްވާއިރު، އެހެން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާ ތެރިކަމަށް އެންމެ އެކަށީގެންވާ މިންވަރަށް ދުވެލި މަޑުކުުރަންވާނެއެވެ.
12. ފަޅުތެރޭގައި އެކިއެކި މަރާމާތުކުރުން:
މާލޭ ފަޅުތެރޭގެ އެއްވެސް ސަރަޙައްދެއްގައި މިމިނިސްޓްރީގެ ހުއްދައެއް ލިބިގެންނޫނީ އުޅަނދު ފަހަރުގައި ކުރަންޖެހޭ އެއްވެސް މަރާމާތެއް ކުރުމަކީ ހުއްދަކަމެއް ނޫނެވެ.
13. މުދާ އަރުވާ ބަރުކޮށްފައިވާ އުޅަނދުފަހަރު މާލޭ ފަޅުތެރޭގެ އެއްގަމު ތޮށިކައިރީގައި މަޑުކުރުން:
ފުރަން ތައްޔާރުވެ މުދާ އަރުވާ ބަރުކޮށްފައިވާ އުޅަނދެއް މާލޭ ފަޅުތެރޭ އެއެްގަމުތޮށި ކައިރީގައި އަޅާފައި އޮންނަންވާނީ މުދާ އަރުވަން ބޭނުންވާ އެހެން އުޅަނދު ފަހަަރަށް އެސަރަޙައްދުން ޖާގަ ދިނުމަށްފަހު އެހެން އުޅަނދަކަށް ދަތިނުވާނެގޮތަަކަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތުން އެއްގަމުތޮށި ކައިރީގައި މުދާ އަރުވާ ބަރުކުރުމަށްފަހު އުޅަނދަކަށް އޮވެވޭނީ އެންމެގިނަވެގެން 24 ގަޑިއިރުއެވެ.
14. އެކިއެކި ޒޯންތައް ބޭނުންކުރުން:
އެޒޯނެއްގައި އަޅަން ޚާއްޞަކޮށްފައިވާ އުޅަނދު ފަހަރު ފިޔަވައި އެހެން އުޅަނދު ފަހަރު ޒޯން ބޭނުންކުރަންވާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ހުއްދަ ލިބިގެން އެކަމަށް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ އަދި މީގެ އިތުރުން އެޒޯނެއްގައި ކުރެވޭ މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރަންވާނީވެސް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ހުއްދަ ލިބިގެންނެވެ.
15. މާލޭ ފަޅުތެރޭގައި ކުޅިވަރު ޙަރަކާތްތަކަށް ބޭނުންކުރާ އުޅަނދު ގެންގުޅުން:
ވިލިނގިލީ ފަޅުގައި އެކަމަށް ޚާއްޞަަކުރެވިފައިވާ ސަރަޙައްދުތައް ފިޔަވައި، މާލޭ ފަޅުތެރޭގައި ޢާންމުކޮށް ކުޅިވަރު ޙަަރަކާތްތަކަށް ބޭނުންކުރާ ޖެޓްސްކީ، ރިޔާނެގިކަނދުފަދަ ތަކެތި ޢާންމުކޮށް ދުއްވާ ހެދުމަކީ ހުއްދަކަމެއްނޫނެވެ.
16. މާލޭފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ބޮޑުމިން.
މާލޭ ފަޅުތެރޭގައި މުދާ އަރުވާބޭލުމުގެ ޚިދުމަތްދޭ ސަރަޙަައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް ވަންނަން ވާނީ 100 ފޫޓް ހަމަނުވާ އުޅަނދުފަހަރެވެ. މިއަށްވުރެ ބޮޑު އުަޅަނދެއް މުދާއަރުވާ ބޭލުމުގެ ޚިދުމަތްދޭ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް ވަންނަންވާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ.
17. ބަނދަރު ސަރަޙަައްދުގައި މުދާ ބެހެއްޓުން :
މުދާ އަރުވާ ބާލާ ސަރަޙައްދުގައިވެސް އެމުދަލެއް އަރުވާ ބޭލުމުގެ މަސައްކަތް ނުހިނގާ 2 ގަޑި އިރަށްވުރެ ގިނައިރު މުދަލެއް ހުރެއްޖެ ނަމަ އެމުދަލެއްގައި ޤަވައިދާ ޚިލާފުވިކަން އަންގާބޯޑު ހަރުކުރެވޭނެ އެވެ. ބޯޑު ހަރު ކުރުމަށްްފަހު އެމުދާ އަނބުރާ ލިބޭނީ އެމުދާ ބަހައްޓާފައި ހުރި ތަނުގެ ބޮޑުމިނުގެ ކޮންމެ އަކަފޫޓަކަށް ގަޑިއަކަށް 2 ރުފިޔާގެ ރޭޓުން ފައިސާ ދެއްކުމުންނެވެ.އަދި 48 ގަޑި އިރުގެ ތެރޭގައި މުދަލުގެ ވެރިފަރާތުން މުދާ ގެންގޮސް ނިންމަންވާނެއެވެ. 48 ގަޑިއިރުގެތެރޭ ނުގެންގޮސްފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް މުދާބަހައްޓާފައި ހުރިތަނުގެ ބޮޑުމިނުގެ ކޮންމެ އަކަފޫޓަކަށް ދުވާލަކު -/10 ( ދިހަރުފިޔާ ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 60 ދުވަހުގެ ތެރޭ ޤަވައިދުން މުދަލާއި ޙަަވާލުވާނެ ފަރާތެއް ނުވެއްޖެނަމަ، ޢާާއްމުކޮށް އިިޢުުލާންް ކުރުމަށްފަހު އެމުދާ ނީލަންކިޔޭނެއެވެ. އަދި ނީލަމަށް ޤަބޫލުނުކުރާ މުދާ،ކުނީގެ ގޮތުގައި ނައްތާލެވޭނެއެވެ.
18. މުދާއަރުވާ ބޭލުމުގެ ހުއްދަދެވިފައިވާ ސަރަޙައްދުތަކަށް ކުނިއެޅުން:
ފަަސިންޖަރުން އަރާފައިބާ ސަރަޙައްދު ތަކުންނާއި، މުދާއަރުވާ ބޭލުމުގެ ހުއްދަދެވިފައިވާ އެއްވެސް ސަރަޙައްދެއްގެ އެއްގަމަށް ކުނި އެޅުމަކީ ހުއްދަ ކަމެއްނޫނެެވެ.
19. ފަޅުހުއްދަ:
ފަޅުހުއްދަ އަކީ މާލެ އާއި ވިލިނގިލީގެ ފަޅުބޭނުންކުރާ އުޅަނދުފަހަރަށް ކަނޑައެޅިފައިވާ ފީއެއް ދައްކައިގެން ފަޅުބޭނުން ކުރުމަށް ދޫކުރާ ހުއްދައެކެވެ. މިގޮތުން ފަޅުބޭނުން ކުރުމަށް ވަޤުތީ ހުއްދައާއި ދާއިމީހުއްދަ އަދި ފައްތިޔާ ދޫކުރެއެވެ.
20. ފަޅުހުއްދަ ނުނަގާ އުޅަނދުފަހަރު މާލޭ ފަޅު ބޭނުން ކުރުން:
މާލޭ ފަޅު ބޭނުންކުރާ އުޅަނދު ފަހަރުގެ ތެރެއިން ފަޅުހުއްދަ ނަގަންޖެހޭ އުޅަނދު ފަހަރު ފަޅު ހުއްދަ ނުނަގާ ފަޅުބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ފަޅު ހުއްދަ ނުނަގައި ފަޅު ބޭނުން ކުރާނަމަ އެފަދަ އުޅަނދެއްގައި ފަޅުގެެ ޤަވައިދާ ޚިލާފުވިކަން އަންގާ ސްޓިކަރެއް ހަރުކުރެވޭ ނެއެވެ. އަދި އެއުޅަނދެއްގެ ފަޅުހުއްދައަށްދުވާލަކަށް ދައްކަންޖެހޭ އަދަދުގެ އިތުރަށް -/100 ރުފިޔާ ޖޫރިމަނާ ކުރެވޭނެއެވެ. އަދި 2 ވަނަ ފަހަރު ސްޓިކަރ ހަރުކުރެވިއްޖެނަމަ އެއުޅަނދެއްގެ ފަޅުހުއްދަދުވާލަކަށް ދައްކަންޖެހޭ އަދަދުގެ އިތުރަށް -/150 ރުފިޔާ ޖޫރިމަނާ ކުރެވޭނެއެވެ.
21. ޤަވައިދުތަކާއި ޚިލާފުވުމުން ޖުރިމަނާ ކުރުން :
ތަކުރާރުކޮށް މާލޭ ފަޅުތެރޭގައި ފަޅުގެ ޤަވާޢިދާއި ޚިލާފްވަމުންދާނަމަ އެމީހަކުކުރި ކުށެއްގެ ކުޑަބޮޑު މިނާއި އެކަން ތަކުރާރުވާ މިންވަރަށްބަލައި -/100 ރުފިޔާއާއި -/5000 ރުފިޔާ ދެމެދުގެ ޢަދަދަކުން ޖުރުމަނާ ކުރެވޭ ނެއެވެ.
ނޯޓް: މާލޭ ފަޅުތެރޭގެ ޢާންްމު ޤަވަޢިދު ގައި މާލެ ކަމަށް ބުނެފައިވާ ކޮންމެތަނެއް މާނަކުރެވެނީ މާލެ އާއި ވިލިނގިއްޔެވެ.
|